Thursday, 13 November 2008
ދިރާގުން ކުޑަ ސްޕޮންސަރއެއް! ސްޕޮންސަރ ހޯދުމަށް އޮތް މަގު
ޚަފްޞީ ޢަބުދުﷲ / ލަންދޫ
ހޮލިޑޭކަޕް ފުޓްބޯޅަ މުބާރާތަށް ލަންދޫ ޔޫތް އެންކަރޭޖިންގ ސޮސައިޓީން ތައްޔާރުވަމުންދާއިރު، އަޅުގަނޑު އެންމެ އިސްކަމެއް ދިނީ މުބާރާތަށް ސްޕޮންސަރއެއް ހޯދާށެވެ. އަޅުގަނޑުގެ އެންމެ ބޮޑު ބޭނުމަކަށްވީ މިފަދަ ހަރަކާތަކާއި ގުޅިގެން ޒަމާނުއްސުރު ހިންގަމުން އައި ފޮތް ހިންގުން ހުއްޓުވުމެވެ. އިރާދަކުރެއްވިއްޔާ އެކަން ޙާޞިލްވެއްޖެއެވެ. އެކަމާ ނުހަނު އުފާކުރަމެވެ. މިއަހަރުގެ ހޮލިޑޭކަޕް ފުޓްބޯޅަ މުބާރާތުގައި މިދިޔައަހަރަށްވުރެ ރަނގަޅު ފައިސާގެ އިނާމެއް ލިބޭނެކަން ކަށަވަރެވެ. އަދި އެފައިސާގެ އިނާމަކީ ފޮތް ހިންގައިގެން ލިބޭ ފައިސާގެ އިނާމަކަށް ނުވާނެއެވެ. އެފައިސާ ވެގެންދާނީ ސްޕޮންސަރގެ ގޮތުގައި ލިބޭ އެއްޗަކަށެވެ. ނަމަވެސް އަޅުގަނޑުވެސް ޤަބޫލުކުރާ ހަޤީޤަތަކީ ލިބުނު ސްޕޮންސަރއަކީ ވަރަށް ކުޑައެއްޗެެއްކަމެވެ
ސްޕޮންސަރ ހޯދުމަށް އެކިފަރާތުގައި އެދިގެން އަޅުގަނޑު މަސައްކަތްކުރީމެވެ. އޭގެތެރެއިން ސްޕޮންސަ ހަމަޖެހުނީ ލެކިއުޓުންނާއި، ދިރާގުންނެވެ. ލެކިއުޓުން ހަމަޖެހުނު ސްޕޮންސަރއަކީ އެފިހާރައިންދޭ ސްޕޮންސަރއެއް ނޫންކަމަށާއި، އެއީ ލެކިއުޓުން އިސްމާއީލް ވަހީދު( އިސްމާއީލްބެ) އަމިއްލައަށް، އަމިއްލަ ފަރުދެއްގެ ގޮތުގައި ދޭ އެހީއެއްކަމަށް އިސްމާއީލް ވަހީދު މިއަދު ވަނީ ވިދާޅުވެފައެވެ. އަދި ތިންހާސް ރުފިޔާ މިއަދު ވަނީ ހަވާލުކޮށްފައެވެ. އެއްވެސް ލިޔެކިޔުމެއްގައި ސޮއިކުރުމެއް ނެތި މިފައިސާ ހަވާލުކުރި ކުރުމުން ދޭހަވެގެންދަނީ ލަންދުއާ އިސްމާއީލްބެއެއާ އޮންނަ ގާތްކަމެވެ. މިފުރުޞަތުގައި އިސްމާއީލްބެއަށް ނުހަނު އިޙްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަމެވެ
ދެން އޮތީ ދިރާގުން ލިބުނު ސްޕޮންސަރއެވެ. ސްޕޮންސަރއަކަށްވުރެ ބޮޑަށް އަޅުގަނޑު ދަންނަވާހިތްވަނީ ކޮންމެވެސް ވަރެއްގެ އެހީއެއް ވެދިނީކަމަށެވެ. އެހެނީ އެކުންފުނިން ދެއްވަނީ ފަނަރަ ސަތޭކަ ރުފިޔާއެވެ. މިއީ ވަރަށްކުޑަ މިންވަރެކެވެ. މިފައިސާވެސް ލިބެނީ މުބާރާތަށްފަހު، މުބާރާތުގެ ފޮޓޯވެސް ހުށައެޅުމުންނެވެ. ހަމައެހެންމެ ދިރާގުގެ ސްޕޮންސަރ ބެނަރއެއް މުބާރާތް ހިނގަމުންދާ ޞަރަހައްދުގައި ބެހެއްޓުމަށްވެސް ވަނީ އެއްބަސްވެވިފައެވެ. ސްޕޮންސަރއެއްކަމަށް ޤަބޫލުކުރެވޭ ހަމައެކަނި ސަބަބަކީ މިއީއެވެ. މުބާރާތް ނިމުމުން ފައިސާ ލިބޭނެކަމުގެ ލިޔުމެއް އެކުންފުނިން ވަނީ ދީފައެވެ. މީގެއިތުރުން ރަށުން ސްޕންސަރގެ ގޮތުގައި އިތުރު އެހީތައް ލިބޭނެކަމަށް އަޅުގަނޑު އުއްމީދުކުރަމެވެ. ނަމަވެސް ފޮތްހިންގުމާ ނުލައެވެ
މިހާހިސާބުން ދެން އުފެދޭ ސުވާލަކީ ސްޕޮންސަރ ނުލިބެނީ ކީއްވެހެއްޔެވެ؟ ނުވަތަ ސްޕޮންސަރ އަށް ލިބޭ މިންވަރު ކުޑައީ ކީއްވެހެއްޔެވެ؟ ފުރަތަމަ ބަލާލަން ޖެހެނީ ސްޕޮންސަރ ދެނީ ކީއްވެ، ކީއްކުރައްތޯއެވެ؟ ކުންފުނި ނުވަތަ ވިޔަފާރި އިޝްތިހާރުކުރާށެވެ. މައިގަނޑު ސަބަބަކީ މިއީއެވެ. އެކަމަށް އޮންނަ ފުރުޞަތަކީ އެމުބާރާތެއް ބާއްވާ ބައެއްގެ މެދުގައި، ނުވަތަ ރަށެއްގައި އެކުންފުންޏެއް ނުވަތަ ފިހާރައެއް އިޝްތިހާރުވެ، ނަން ފަރިތަވުމެވެ. ހަމައެހެންމެ އެމުބާރާތެއް ނުވަތަ ހަރަކާތެއްގެ ޚަބަރު މީޑިޔާ މެދުވެރިކޮށް އިވި، މަންޒަރު ފެންނަމުންދާއިރު، ސްޕޮންސަރކުރާ ފަރާތުގެ ލޯގޯ ފެނި ނަން މުޅި ރާއްޖެއަށް އަޑު އިއްވުމެވެ. މުޅިރާއްޖެއަށް ކުންފުނި އިޝްތިހާރުވުމެވެ
އެހެންކަމަށް ވާނަމަ ހަރަކާތްތައް ހިންގާ ފަރާތްތައް މަޝްހޫރުވާންޖެހެއެވެ. މީޑިޔާއާ ރައްޓެހި ވާންޖެހެއެވެ. ކުރާ ކަންތަކާއި، ހިންގާ ހަރަކާތްތައް މީޑިއާގެ ޒަރީޔާއިން ހާމަކުރަން ޖެހެއެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ލިޔެސް ޖަމްއިއްޔާއަށް އަށް އެކަން ވަނީ ފުރިހަމަ ނުކުރެވިއެވެ. އެހެނީ މިހާތަނަށް ޖަމްއިއްޔާއިން ހިންގި ހަރަކާތްތަކުގެ ތެރެއިން މީޑިޔާ މެދުވެރިކޮށް ހާމަކުރެވިފައިވަނީ ދެތިން ހަރަކާތެކެވެ. އަޅުގަނޑު ހަނދާންވަނީ ދެހަރަކާތެއްކަމަށެވެ. ޖަމްއިއްޔާއިން ހިންގާ ހަރަކާތްތަކުގެ ފޮޓޯ ތައް އަޅުގަނޑާ ހަމައަށް ފޮނުވައި ދިނުމަށް ތަކުރާރުކޮށް އަޅުގަނޑު ވާނީ އެދިފައެވެ. އެކަމަށް ހުރި އުނދަގޫތައްވެސް ޤަބޫލުކުރަމެވެ. ނަމަވެސް ޖަމްއިއްޔާގެ ނަމަކީ އެންމެން ދަންނަ ނަމަކަށް ވާން އަޅުގަނޑު ބޭނުންވެއެވެ. މީޑިޔާއާ ރައްޓެހި ޖަމްއިއްޔާއަކަށް ލިޔެސް ވާން ބޭނުންވެއެވެ. ހަމައެހެންމެ ލަންދޫގައި އެކިއެކި ފަރާތްތަކުން ހިންގާ ހަރަކާތްތައްވެސް، މީޑިއާގެ ޒަރީޔާއިން ހާމަކުރަން އަޅުގަނޑު ބޭނުންވެއެވެ. ސްޕޮންސަރ ލިބޭނީ އޭރުންނެވެ. އެހީދޭ މީހުން އިތުބާރުކުރާނީ އޭރުންނެވެ. އެހެން ބޮޑަތި ކްލަބް ޖަމްއިއްޔާތަކުން ގެންގުޅޭ އުކުޅަކީ މިއީއެވެ
Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment