ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Thursday, 13 November 2008

ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދުގެ ސިޔާސީ ޙަޔާތަށް ބަލައިލުމެއް.
ލިޔުނީ: އަޙްމަދު ދާއޫދު

ޙަޤީޤީ ޑިމޮކްރެޓިކް ނިޒާމެއް އުފެއްދުމަށާއި، ސަރުކާރުގައި ހުރިނުރަނގަޅުކަންތައްތައް ފާހަގަކޮށް ، ނޫސްވެރިއެއްގެ ހައިސިއްޔަތުން މަސައްކަތްކުރައްވަމުންގެންދެވި މުޙައްމަދު ނަޝީދު ( އަންނި ) އުފަންވެ ވަޑައިގަތީ 17 މެއި 1968 ގައި ކ.އަތޮޅު މާލެއަށެވެ. މުޙައްމަދު ނަޝީދު ގެ މަންމައަކީ ގ.މަދަރުސާގަސްދޮށުގޭ އާބިދާ އަޙްމަދެވެ. ބައްޕައަކީ ގ.ކެނެރީގޭ ކެރެފާ ޢަބުދުއްސައްތާރެވެ. އަނބިކަނަބަލުން ނަކީ މ.ޔާގޫތުގޭ ލައިލާ ޢަލީ އެވެ. މުޙައްމަދު ނަޝީދުގެ 2 ކުދިން ތިއްބަވައެވެ. އެއީ މީރާ ލައިލާ ނަޝީދު އާއި އަދި ޒާރާ ލައިލާ ނަޝީދު އެވެ.
މީގެ 18 ވަރަކަށް އަހަރު ކުރިން 1990 ވަނައަހަރު މުޙައްމަދު ނަޝީދު ނުވަތަ އަންނި ގިނަބަޔަކަށް އެނގިގެން ގޮސްފައިވަނީ ސަރުކާރުޒިންމާދާރު ކުރުވަން މަސައްކަތް ކުރެއްވި ނޫސްވެރިއެއްގެ ގޮތުގައެވެ. އެއަށްފަހު ތަފާތު ގޮންޖެހުންތަކާއި އެކު ސިޔާސީ ބޭފުޅެއްގެ ގޮތުގައި ޖެހިލުންކުޑަކަމާއިއެކު އެބޭފުޅާގެ މަސައްކަތް އިހުނަށް ވުރެ ވަރުގަދަކުރައްވާ މަސައްކަތުގެ މައިދާނުގައި ސާބިތުކަމާއި އެކު ކުރިއަށް ވަޑައިގަތެވެ.
މިއަދު ދިވެހި ޖުމްހޫރިއްޔާގެ 4 ވަނަރައީސުލް ޖުމްހޫރިއްޔާގެ މަޤާމަށް ހުވާކުރައްވާ އަލްފާޟީލް މުޙައްމަދު ނަޝީދު ގެ ތާރީޚްގެ ޞަފްޙާތަކުގައި ތަފާތު ކުލަތައް ޖެހިފައިވެއެވެ. އޭގެތެރޭގައި ކުލަގަދަ ދުވަސްތައް ލިޔެވިފައިވާއިރު ކަޅުދުވަސް ތަކެއްވެސް ވަނީ ލިޔެވިފައެވެ.
އެމަނިކުފާނުގެ ތަޢުލީމީ ޙަޔާތުގައި ، 1984 ވަނައަހަރު މުޙައްމަދު ނަޝީދު މަޖީދިއްޔާ ސްކޫލުން ގްރޭޑް 9 ނިންމުމަށް ފަހު އޭގެ އަނެއްއަހަރު ކޮލަންމްބޯ އިންޓަނޭޝަނަލުން މެދުމަދުރަސީ ތަޢުލީމު ފުރިހަމަކުރެއްވިއެވެ. އަދި އޭގެފަހުން 1988 ވަނައަހަރު އިނގިރޭސިވިލާތުގެ ލިވަރޕޫލް ޔުނިވަރސިޓީން މެރިޓައިމް ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލް ކުރެއްވިއެވެ. އެއަށްފަހު ރާއްޖެވަޑައިގެން އެންމެފުރަތަމަވެސް އަދާކުރެއްވި ސަރުކާރު ވަޒީފާއެއްގެ ގޮތުން ޓްރާންޕޯޓްމިނިސްޓްރީގައި އަހަރެއްހާދުވަހު ވަޒީފާ އަދާކުރެއްވިއެވެ.
ދިވެހިރާއްޖޭގެ 4 ވަނަ ރައީސް އަލްފާޟީލް މުޙައްމަދު ނަޝީދު ސިޔާސީމައިދާނަށް ފުރަތަމަ ނުކުންނެވީ 1999 ވަނައަހަރު ރައްޔިތުންގެ މަޖްލީހުގެ އިންތިޚާބުގައި މާލޭގެ ގޮނޑިއެއް ކާމިޔާބުކުރެއްވުމާއި ގުޅިގެންނެވެ. މިޢާއްމު އިންތިޚާބުގެ ކެމްޕެއިންގައި ނަޝީދު ބޭނުންކުރެއްވި ލޯގޯއަކީ ސަންގެކެވެ. މި ސަންގުވެގެންދިޔައީ ގިނަބަޔަކުދަންނައެއްޗަކަށެވެ. ގިނަބައެއްގެ މަޤުބޫލުކަން ލިބިގެންދިޔައެއްޗަކަށެވެ. އެހެންނަމަވެސް ޖެހިގެންއައި އަހަރު ނަޝީދުގެ މައްޗަށް ހެންވޭރު ވެލާނާގެއިން ކަރުދާސްތަކެއް ވަގަން ނެންގެވިކަމުގެ މައްސަލައެއް ފެންމަތިވެގެން ދިޔައެވެ. އަދި އެމަސްލައިގާ އެބޭފުޅާގެ މައްޗަށް ދައުވާ ކުރެއްވުނެވެ. މިމައްސަލައިގާ 2001 ވަނައަހަރު 2 އަހަރާއި 6 މަސްދުވަހަށް އަރުވާލުމަށް ނަޝީދުގެ މައްޗަށް ހުކުމް ކުރިއެވެ.
އޭރު ނަޝީދު ހުންނެވީ ރައްޔިތުންގެ މަޖްލީހުގެ މެމްބަރެއްގެ ގޮތުގައެވެ. އެއަހަރުގެ ތެރޭގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ޚިޔާލު ކުރައްވާ ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކުރުމަށް އެދި ހުށަހެޅުއްވިއެވެ. އަދި މިޕާޓީއުފެއްދުމުގައި އެންމެފުރަތަމަ ލިޔުމުގައި ސޮއިކުރި 42 މީހުންގެ ތެރޭގައި މުޙައްމަދު ނަޝީދު ހިމެނިވަޑައިގެންނެވިއެވެ.
އިސްލާހަށް މަސައްކަތްކުރާނެ މާހައުލެއް ޤާއިމްކުރުމަށް ނަޝީދާއި އޭނައިގެ ބައެއްބައިވެރިން ބޭނުންފުޅުވެގެން ރާއްޖޭން ފުރައިގެން ދިޔައެވެ.އެއީ 2003 ވަނައަހަރު ގެ ސެޕްޓެމްބަރ 19 ވަނަދުވަހު މާފުށީޖަލްގައި ހިނގައިދިޔަ ޢީވާން ނަސީމްގެ މަރުގެ މައްސަލައާއި ، ޖެހިގެން އައިދުވަހު ޖަލްގައި ހިގައިދިޔަ ބަޑިޖެހުމުގެ ޙާދިސާއަށްފަހު އެވެ. އެއަށްފަހު ރާއްޖޭގައި އެންމެފުރަތަމަ އުފެދުނު ސިޔާސީ ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ ޝްރީލަންކާގައި އިފްތިތާޙް ކުރިއެވެ.
ސިޔާސީ މައްސަލަތަކާއި ގުޅިގެން ރާއްޖޭން ބޭރުގައި އުޅުއްވަމުންގޮސް 2004 ވަނައަހަރު އިނގިރޭސިވިލާތުގެ ރައްޔިތަކަށް އޭނާ ވެވަޑައިގަތެވެ. ނަޝީދުއަކީ ސިޔާސީ ރެފިޔުޖީއެއްކަމަށް ހަދައި އިނގިރޭސިވިލާތުގެ ރައްޔިތެއްކަމުގައި ނަޝީދުބަލައިގަތެވެ.
18 މަހެއްހާދުވަހު ޤައުމުން ބޭރަށް އަމިއްލައަށް އަރުވާލެވިގެން ހުންނެވުމަށްފަހު 2005 ވަނައަހަރުގެ އޭޕްރީލްމަހުގެ 30 ވަނަދުވަހު ރާއްޖެވަޑައިގެން އެމަނިކުފާނާއި އެކުގައި އިސްލާހަށް މަސައްކަތް ކުރެއްވި ބޭފުޅުންނާއި އެކު އެމްޑީޕީ ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ފެއްޓެވި އެވެ. އެއަހަރުގެ ޖޫން 26 ވަނަދުވަހު އެމްޑީޕީގެ ނަމުގައި ރާއްޖޭގެ ދެވަނަޖުމުހޫރިއްޔާގެ ފުރަތަމަ ސިޔާސީ ޕާޓީއަކަށް އެމްޑީޕީ ރަޖިސްޓްރީވެ އެޕާޓީގެ ޗެއަރޕާސަން ގެ މަޤާމަށް ނަޝީދު ހަމަޖެއްސުމަށް އެޕާޓީގެވަލީ ކޮމެޓީން ނިންމިއެވެ. އޮގަސްޓް 12 ، 13 ވަނަދުވަހު ކަޅުހުކުރު ފާހަގަކުރުމުގެ ގޮތުން ޖުމްހޫރީ މައިދާނުގައި އެކުވެރިންތަކަކާއި އެކު އިށީދެގެން އިންނަވަނިކޮށް އެސަރަޙައްދު ދޫކޮށް ދިޔުމަށް ސަލާމަތީބާރުތަކުން އެމަނިކުފާނަށް އެންގެވިއެވެ. ނަމަވެސް އެކަމާ ދެކޮޅުހެދުމުން އެކަމުގެ ކުށުގައި ނަޝީދު ހައްޔަރު ކުރެވުނެވެ. މިމައްސަލައިގާ ޓެރަރިޒަމް މަނާކުރާ ޤާނޫނުގެ ދަށުން ނަޝީދުގެ މައްޗަށް ދައުވާ ކުރައްވާނެކަން އޭރުގެ ސަރުކާރުންވަނީ އިއުލާން ކުރައްވާފައެވެ. 2005 ވަނައަހަރުގެ ޑިސެމްބަރ 20 ވަނަދުވަހު އެމްޑީޕީގެ ޗެއަރ ޕާސަންގެ މަޤާމަށް ނަޝީދު އިންތިޚާބުވެވަޑައިގަތެވެ . އަދި 2006 ވަނައަހަރުގެ ޖެނުއަރީ މަހުގެ 5 ވަނަދުވަހު ، ސިޔާސީ ޕާޓީއަކުން އެންމެފުރަތަމަ އިންތިޒާމްކުރި މުޒާހަރާ ނަޝީދު އިސްކޮށް ހުންނަވައިގެން މާލޭގައި ބޭއްވިއެވެ. އެއަށްފަހު އެކިއެކި އެއްވުން ތައް ބާއްވާ ސަރުކާރުޒިންމާ ދާރު ކުރުވުމަށް ފާޅުކަން ބޮޑުގޮތެއްގައި އަޑުއުފުއްލަވަމުން ގެންދެވިއިރު އެކިފަހަރުމަތިން ފުލުހުންގެ ބެއްލެވުމުގެ ދަށަށް ނަޝީދުވަނީ ގެންދަވާފައެވެ.
މިރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓަކު ހޮއްވެވުމަށް ޕާޓީގެ އެތެރޭގެ އިންތިޚާބު ނުވަތަ ރިޔާސީ ޕްރައިމަރީސް ގައި ބައިވެރިވަޑަިއގަތުމަށް މިއަހަރުގެ ފެބުރުއަރީ 20 ވަނަދުވަހު އެމްޑީޕީގެ ޗެއަރ ޕާރަސަން ކަމުގެ މަޤާމުން ނަޝީދުއިސްތިއުފާދެއްވިއެވެ. އަދި އޭޕްރީލް 26 ވަނަދުވަހު ޕާޓީތެރޭގައި ބޭއްވި އިންތިޚާބުން އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއިން ވާދަކުރައްވާނެ ކެނޑިޑޭޓަކަށް ބޮޑުއަޣުލަބިއްޔަތަކުން ނަޝީދު އިންތިޚާބުވެ ވަޑައިގަތެވެ. ނަޝީދު ގެ ރަނިންމޭޓަކަށް ހަމަޖެއްސެވީ ދިވެހިރާއްޖެއަށް އެންމެފުރަތަމަ ޕީއެޗްޑީގެ ލަގަބު ނުވަތަ ޑޮކްޓަރ އޮފް ފިލޯސަފީގެ ފާސް ގެންނެވާ 1990 ވަނަައަހަރު ރައްޔިތުންގެ މަޖްލީހުގެ މާލޭގެގޮނޑިއެއް ފުރުއްވާފައިވާ ޑރ.މުޙައްމަދު ވަޙީދު ޙަސަންމަނިކެވެ.
ރާއްޖެމިދެކޭ ޑިމޮކްރަސީ ގެންނެވުމުގައި ނަޝީދަކީ މުހިއްމު ޙިއްސާއެއްއަދާކުރެއްވި އެއްބޭފުޅެއްކަން މިއަދު ރާއްޖެއާއި ދުނިޔޭގެ ގިނަބަޔަކު ޤަބޫލުކުރެއެވެ. ސިޔާސީ މައްސަލަތަކުގައި ސީދާ ޙަރަކާތަށް މަގުމައްޗަށް ނުކުމެވަޑައިގަތުމާއި މަދަނީ ބަސްނޭހުންތަކުގައި ޖުމުލަ 13 ފަހަރެއްގެ މަތިން އެމަނިކުފާނު ހައްޔަރު ކުރެވިފައިވެއެވެ. އެހެންކަމުން ސިޔާސީ މައްސަލަތަކުގައި ދިވެހިރާއްޖޭގައި އަދި މިހާތަނަށް އެންމެގިނައިން ހައްޔަރު ކުރެވުނު އެއްބޭފުޅަކަށް ނަޝީދު ވަނީވެވަޑައިގެންފައެވެ.
ޖުމުލަ 6 ކެނޑިޑޭޓުން ވާދަކުރެއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް ރައީސުލް ޖުމްހޫރިއްޔާ ގެ މަޤާމަށް އިންތިޚާބުކުރެވޭ ޢަދަދަށް ވޯޓުލިބިވަޑައިނުގެންނެވިއެވެ. އެހެންކަމުން އެންމެ ގިނަވޯޓުލިބިވަޑައިގަންނަވާ ދެ ކެނޑިޓޭޓުން ގެ މެދުގައި ދެވަނަބުރެއް ބޭއްވުމަށް ޤާނޫން އަސާސީގައިވަނީ ބުނެފައެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަބުރަށް ނަޝީދު ހޮވިވަޑައިގެންފާ ވަނީ ފުރަތަމަބުރުން ދެވަނައަށް އެންމެ ގިނަވޯޓުލިބިވަޑައިގެންކެނޑިޑޭޓްގެ ގޮތުގައެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ނަޝީދަށް ލިބިވަޑައިގަތީ 44293 ވޯޓެވެ. މިއީ ވޯޓުދިންމީހުންގެ %25.09 އިންސައްތައެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ދާއިމީނަތީޖާ އިޢުލާންކުރުމުގެ ކުރިން އިންތިޚާބުގެ ދެވަނަބުރުން ޖާގަލިބިވަޑައިނުގަތް ކެނޑިޑޭޓުންވަނީ ދެވަބުރުގައި ނަޝީދަށް ތާއީދުކުރައްވާނެކަން އިޢުލާނު ކުރައްވާފައެވެ. އެގޮތުން އެމްޑީޕީއާއި ގުޅުނު ހުރިހާފަރާތްތަކެއް ގުޅިގެން އިއްތިހާދެއްއުފައްދާ ވަޠަން އެދޭގޮތަށް މިޝިޢާރާއި އެކު ދެވަނަބުރަށް ކެމްޕެއިން ފެއްޓެވިއެވެ.
އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ސިޔާސީ ލީޑަރުން މިހާރުރާއްޖޭގައި އޮތް ވެރިކަން ބަދަލުކުރުމަށް އަތާއަތް ގުޅާލައްވާ ކެމްޕެއިން ފެއްޓެވިއެވެ. ވާދަވެރި ކެމްޕެއިން ތަކަށްފަހު ބޭއްވި ރިޔާސީ އިންތިޚާބުގައި އެންމެގިނަވޯޓުހޯއްދަވާ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަމުގެ މަޤާމަށް މުޙައްމަދު ނަޝީދު އިންތިޚާބުވެ ވަޑައިގަތީ 97222 މީހުންގެ ތާއީދާއި އެކުގައެވެ. އެއީ ޞައްޙަވޯޓުގެ%54.21 އިންސައްތަ އެވެ.
މިއަދު ރާއްޖޭގެ އައު ރައީސަކަށް މުޙައްމަދު ނަޝީދު ދިވެހިރައްޔިތުން ހޮވާފައިވަނީ ކެއްތެރިކަމާއި ޖެހިލުން ކުޑަކަމާއިއެކު ގޮންޖެހުންތަކާއި އެކު ކުރެއްވި މަސައްކަތް ތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ. ރާއްޖޭގެ އިތުން ބައިނަލް އަޤްވާމީ މީޑިޔާގައި ނަޝީދު ސިފަކުރަނީ ސިޔާސީ ކުއްވެރިއެއްގެ ގޮތުގައި ޖަލުގައި ގިނަދުވަސް ތަކެއް ހޭދަކުރެއްވި ލީޑަރެއްގެ ގޮތުގައެވެ. އެކި މަރުޙަލާތަކުގައި އެކިގޮތްގޮތަށް ނަޝީދު ކުރެއްވި މަސައްކަތް ދިވެހިން ބަލައިގެން ކަން ސާބީކޮށްދިނީ އޮކްޓޯބަރ 28 ވަނަދުވަހު ނެގިވޯޓުންނެވެ. މުޅިޤައުމު އެދި އުންމީދުކޮށްގެން މިތިބީ މީގެ 18 ވަރަކަށް އަހަރުކުރިން އިސްލާޙަށް މަސައްކަތް ފެއްޓެވި ނަޝީދުގެ އަނެއްދިވެހިރާއްޖޭގެ ތަރައްޤީގެ ފާގަތި ހެޔޮދުވަސް ތަކަކަށެވެ.



0 ޚިޔާލު: