Wednesday, 7 January 2009
ލަންދޫކައުސިލަރަކަށް ޖައުފަރު ރަޝީދު ހަމަޖައްސަނީ ........ ސ
އަވަސްޚަބަރު
ލާމަރުކަޒީއުސޫލުން އަތޮޅުތައް ހިންގުމުގެ އޮނިގަނޑުގެ ދަށުން އަތޮޅުތަކާއި ރަށްރަށުގެ ކައުންސިލަރުންގެ މަޤާމަށް މިހާރު ދަނީ އެކިބޭފުޅުން ހަމަޖައްސަވަމުންނެވެ. އެގޮތުން ލަންދޫ ކައުންސިލަރަގެ މަޤާމަށް ލަންދޫ ބުލޫކިޔާގެ އަލްފާޟިލް ޖައުފަރު ރަޝީދު ހަމަޖައްސަވާ ގޮތަށް ސަރުކާރުގެ ކަމާބެހޭ ބޭފުޅުން ނިންމަވައިފިކަމުގައި ލަންދޫއިންފޯއަށް މަޢުލޫމާތު ލިބިއްޖެއެވެ. މިމަޤާމަށް ހަމަޖެއްސުމަށް ޖައުފަރު ރަޝީދުގެ އިތުރުން ލަންދޫ ބުލޫހެވަން އަލްފާޟިލް މުފީދު ޙުސެއިން އާއި ލަންދޫ ރަސްފަރު އަލްފާޟިލް މަޖްދުﷲ ޢަބުދުއްރައްޒާޤުގެ ނަންވެސް ހުށަހެޅިފައިވާ ކަމަށް އެމްޑީޕީގެ ލަންދޫގޮފީގެ އިސްކޮށް އުޅުއްވާ ބޭފުޅުންގެ ފަރާތުން މަޢުލޫމާތު ލިބިފައިވެއެވެ.
މިޚަބަރު ލިބުމާއި ގުޅިގެން ލަންދޫ އިންފޯގެ ފަރާތުން ސީދާ ޖައުފަރު ރަޝީދުއާއި ފޯނުން ގުޅައިގެން މިޚަބަރުގެ ތެދުދޮގު ކަށަވަރުކުރީމެވެ. ރަޝީދު ވިދާޅުވީ ދެތިންމީހަކު އެބޭފުޅާއާއި އިދިކޮޅު ޚިޔާލު ހުރިކަމުގައިވިޔަސް ރަށުގެ މެޖޯރިޓީ ތާއީދާއި އެކު ރަށުކައުންސިލަރގެ މަޤާމްގައި ލަންދޫ ގައި މަސައްކަތް ކުރައްވާނީ މިފަހަރު އެބޭފުޅާކަމަށެވެ. އަދި މިހާރު ވަނީ އެމްޑީޕީގެ ކަމާބެހޭ ބެހޭފުޅުން އެބޭފުޅާއާއި މިކަމާއި ބެހޭގޮތުން ވާހަކަ ދައްކަވާ އެބޭފުޅާ އެކަން ޤަބޫލުކުރެއްވިކަން ސަރުކާރަށް އަންގަވާފާ ކަމަށް ވެސް ލަންދޫއިންފޯއަށް މަޢުލޫމާތު ދެއްވަމުންއިތުރަށް ރަޝީދު ވިދާޅުވިއެވެ. އަދި ރަށުކައުންސިލަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވެސް ބައިވެރިވެލައްވާ ރަށުރައްޔިތުންގެ ތާއީދާއި އެކު އެމަޤާމް ދިފާޢުކުރައްވާނެކަމުގައިވެސް އޭނާ އިތުރަށް ވިދާާޅުވިއެވެ. އެބޭފުޅާއާއި އެކު އިންތިޚާބުގައި ވާދަކުރަން ތިއްބެވި ބޭފުޅުންވެސް އެނގިލައްވާ ކަމަށާއި ، އިންތިޚާބު ގައި ފުލްގެރެންޓީއާއި އެކު ދެންތިބި ބޭފުޅުން ބަލިކުރައްވާނެކަމަށްވެސް ރަޝީދު ފޯނުން ވާހަކަދައްކަވަމުން ވިދާޅުވިއެވެ.
ރަޝީދުއަށް ކައުންސެލަރެއްގެ ވާޖިބު އަދާކުރެއްވިދާނެތޯ ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން ވިދާޅުވީ މިހާރުގެ ކަތީބު ނަޞީރުއާއި ، ރަށުގެ އެހެނިހެން ކަމުވޮށިންގެ އެއްބާރުލެއްވުން ލިބޭނެކަމަށާއި، އެބޭފުޅުންގެ އެހީތެރިކަމާއި އެކު މަޤާމް ގެ މަސްއޫލިއްޔަތު އެންމެފުރިހަމައަށް އަދާކުރެއްވޭނެކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރަށުކައުންސިލަރުގެ މައިގަނޑު ޛިންމާއަކީ ސަރުކާރުން އަންގަވާ ކަންތައްތައް ރަށުގައި ތަންފީޒު ކުރުމުގެ އިތުރުން ރަށުގެ ހުރިހާ މުއައްސަސާ ތަކެއް ހިނގާ ނުހިނގާ ގޮތް ބައްލަވާ އެތަން ތަން ހިންގުމުގައި ދެއްވަން ޖެހޭ ލަފަޔާ މަޝްވަރާ ދެއްވާ ގެންނަންޖެހޭ ބަދަލުތައް ގެންނަވާ ރަށުގެ އެންމެހައި ކަންތައް ތައް މަސްލަހަތު ހުރިގޮތެއްގައި ހިންގެވުމެވެ. އެގޮތުން ސްކޫލު، ހެލްތުސެންޓަރ، ރަށުކޯޓް ފަދަ މުއައްސަސާ ތަކަށް ފުރިހަަމައަށް ކައުންސިލަރގެ ބާރާއި ނުފޫޒު ފޯރު ކުރެއްވޭނެކަމަށް ވެއެވެ.
މިހާރުގެ ކަތީބު ނަޞީރު އާއި ވަރަށް ގާތް ގުޅުމެއް އޮންނަކަމަށް ލަންދޫގެ ގިނަބަޔަކު ޤަބޫލުކުރާ ޖައުފަރު ރަޝީދަކީ ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދުއަށް ތާއީދުކޮށް ، ވޯޓް ހޯއްދެވުމަށް ވަރަށް ގަދައަށް ލަންދޫގައި ކެމްޕެއިން ކުރެއްވި ބޭފުޅެކެވެ.
ޝާއިޢުކުރެވުނީ ޚަބަރު
Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment