ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Thursday, 8 January 2009

ރަށުކައުންސިލަރގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަވާއިރު....... ސ

ލިޔުނީ : އަޙްމަދު ދާއޫދު


އެނގިވަޑައިގަންނަވާނޭފަދައިން ، މުޙައްމަދު އަމީންވެރިކަމުގެދުވަސްވަރުގައި ވެސް އޭގެ ކުރިންވެސް ރަށުގެ އެންމެއިސްވެރިއަކަށް ހުންނަވަނީ ކަތީބު ގެ މަޤާމްގައި ހުންނަވާބޭފުޅެކެވެ. ވަރަށްކުރީގެ ތާރީޚެއްގައި ( ކަތީބުން ހަމަޖެއްސެވުމުގެ ކުރީގައި ) ރަށުގެ އެންމެއިސްވެރިއަކީ ރަށުގެ މުދިންމީހާކަމުގައި ވެގެންދިޔަ ދުވަސްވަރެއްވެސްގޮސްފައިވެއެވެ. ކޮންމެއަކަސް ރަށުގެ ވެރިކަމުގައި އެންމެ ގިނަދުވަސްވީ ބަޔަކީ ކަތީބުންކަމުގައި އެއްބަސްނުވާނޭ ހަމައެކަކުވެސް ހުންނާނެއެކޭ ނުދެންނެވޭނެއެވެ.

ކަތީބުންގެ މަޤާމް އުވާލައްވާ ބައެއްކަތީބުންނަށް ޕްރަމޯޝަން ދެއްވާ ކައުންސިލަރުންގެ މަޤާމްއުފައްދަވާ ރަށުގެ އެންމެއިސްވެރިއަކީ ކައުންސިލަރު ކަމުގައި އަދުގެ ސަރުކާރުން މިހާރުމިދަނީ ހަމަޖައްސަވަމުން ނެވެ. ޒަމާނުއްސުރެ ކިޔަމުން އައި ކަތީބު ގެ ނަން ކައުންސިލަރަށް ބަދަލުކޮށްގެން ކިޔަން ފަސޭހަނޫން ބަޔަކު ކޮންމެ ރަށެއްގައިވެސް ތިބޭނެކަން ކަށަވަރެވެ. އެހެންނަމަވެސް ދިވެހިންނަކީ މާ ބޯހަރުބަޔަކަށްނުވާތީ އެމީހުންނަކީ އެއިރެއްގެ ސަރުކާރަކުން ނިންމެވިކޮންމެގޮތެއް ވަރަށްބޮޑަށް ރުހިގެން ޤަބޫލުކުރާބައެކެވެ. މިއައިބަދަލުވެސް އުދަނގުލުންނަމަވެސް ބަލައިގަންނާނެކަމީ އަޅުގަނޑު ޝައްކުކުރާ ކަމެއްނޫނެވެ.
ޙަޤީޤަތުގައި އަޅުގަނޑުގެ ބޭނުމަކީ ، ލަންދޫގެ ކައުންސިލަރުގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަވާނަމަ ހަމަޖެއްސެވުމުގެ ކުރިން ވިސްނާވަޑައިގަންނަވަން ޖެހޭ ކަންތައްތަކެއް ހުރީތީ އެކަންތައް ތަކުގެ ވާހަކަ ކަމާބެހޭ ބޭފުޅުންގެ ސަމާލުކަމަށް ގެނައުމެވެ. މަޢުޟޫޢު އާއި ގެން ކުރިއަށްދާއިރު މާޒީގައި ލަންދޫގެ ވެރިންގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ މަސައްކަތް ޕުޅުތައް ލަންދޫރައްޔިތުން ބަލައިގެންފައިވާ ގޮތުގެމައްޗަށް ވެސް ބަލައިލަން އެބަޖެހެއެވެ.
ލަންދޫގައި ކަތީބުންގެ ގޮތުގައި މާގިނަބަޔަކު މަސައްކަތް ކުރައްވާފައި ނުވިނަމަވެސް އެކިދުވަސްވަރު އެކި ބޭފުޅުން ކަތީބު ކަމުގައި ރަށުގެ އިސްވެރިންގެ ގޮތުގައި ލަންދޫގައި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ނުވަތަ ރައްޔިތުންނަށް އަމުރު މަޢުރޫފު ހިންގުމުގައި އުޅުއްވިއެވެ. އެބޭފުޅުންގެ މަސައްކަތް ޕުޅުތައް މާޒީގައި ރައްޔިތުން ބަލައިގެންފައިވަނީ އެދުވަސްވަރެއްގައި އެހުންނެވި ކަތީބެއްގެ ސިޔާސަތާއި ޢަމަލުފުޅުތައް ރައްޔިތުންނާއި ދޭތެރޭ ބެހެއްޓެވި ގޮތެއްގެ މައްޗަށް ކަމަށް ވަނީ ވެފައެވެ. އެގޮތުން ރައްޔިތުންގެ މަސްލަހަތަށްވުރެ ބޮޑަށް ތިމާއާއި ތިމާގެ އާއިލާގެ މީހުންގެ ބޭނުންތަކާއި އެދުން ތައް ކުރިއަށްނެރެ ވެރިކަންކުރެއްވި ކަތީބުންނަށް އަބަދުވެސް އުޅުއްވަން ޖެހިލެއްވީ މުޅިވެރިކަމުގެ ޙަޔާތުގައިވެސް ރައްޔިތުންގެ ފަރާތުން އަންނަ ގަޅިތަކުން ސަލާމަތް ވެވޭތޯ ރައްކައުތެރި މަގެއް ހޯދުމުގެ މަސައްކަތުގައެވެ. އެފަދަބޭފުޅުންނާއި ބެހޭޝަކުވާ ތައް ރައްޔިތުންގެ ފަރާތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ކެނޑިނޭޅިއޮހެމުން ގޮސްފާވެއެވެ.
އެއާ ޚިލާފަށް ރައްޔިތުންނާއި ދޭތެރޭ ވިސްނާ ރަށުގެ ޢާއްމުފަރުދުންގެ ކަންތައްތަކާއި ބޭނުންތައްފުއްދައިދިނުމަކީ އެމީހާގެ ވާޖިބު ކަމުގައި ދެކިގެން ކަތީބުކަން ކުރެއްވި ވެރިން ވެސް މާޒީގައި ވެގެންގޮސްފައިވެއެވެ. އެފަދަ ބޭފުޅުންނާއި ދޭތެރޭ ރައްޔިތުންގެ ލޯތްބާއި ކުލުނު ލިބިގެން ގޮސްފައިވަނީ އިންތިހާދަރަޖައަށެވެ. ލަންދޫގައި ކަންތައް ތައް ވެގެންގޮސްފައިވަނީ މިދެންނެވި ގޮތުގެ މަތިންކަމަށް މިކަންކަން ދެނެހުރި އެންމެހައި ރައްޔިތުން ޤަބޫލުކުރާނެއެވެ.
ދެންއޮތީ އަލަން މިހަމަޖައްސަވާ ކައުންސިލަރުގެ ކަންތައްތައް ހުންނާނީ ކިހިނެއްބާއޭ ކިޔާ ކުރެވޭ ސުވާލެވެ. ކަތީބުގެ ނަމުން ކައުންސިލަރގެ ނަމަށް ބަދަލުވިޔަސް، ކަމަކީ ހަމައެއް ކަމެކެވެ. އިންނަވާނީ ހަަމަ ކުރީގެ ކަތީބުންވެސް އިންނެވި ގޮނޑީގައެވެ. އެހެންކަމަށްވާނަމަ އެބޭފުޅަކު ރައްޔިތުންގެ ޚާދިމަކަށް ވާންޖެހެއެވެ. ކިލަބު ކަމެއްނެތް މާޒީއެއް (ޕްރޮފައިލެއް) އޮތްބޭފުޅަކަށްވާންޖެހޭނެއެވެ. އެއީ އެވެނިކަމެއް ، މިވެނިކަމެއް ކުރައްވާ ބޭފުޅެކޭ ކިޔައިގެން ނުރުހުމުގެ އިނގިލި އެބޭފުޅަކާ ދިމާއަށް ދިއްކުރުމުގެ ފުރުޞަތު އޮތް ބޭފުޅަކަށް ވެގެންނުވާނެއެވެ. ޒަމާނުގެ ތަޢުލީމުގެ ކޮންމެވެސް މިންވަރެއް އެންމެ ކުޑަމިނުން ލިބިފައިހުރި ބޭފުޅަކަށްވާންޖެހޭނެއެވެ. ސޮސައިޓީގައި ޤަދަރު ވެއްޓޭފަދަ ޒަމާނީ ސްޓައިލްގެ ބޭފުޅަކަށްވެގެން ނުވާނެއެވެ. މިފަދަ މަޤާމެއް އަދާކުރެވޭ ވަރުގެ ސިއްހަތެއް ހުރިބޭފުޅަކަށް ވާންޖެހޭނެއެވެ. ޢާއިލާގެ މީހުންގެ ނުވަތަ ރައްޓެހިންގެ ނުފޫޒު އެބޭފުޅަކަށް ފޯރުކޮށް ޤާނޫނާއި ޤަޥާޢިދުގެ އިމުން ބޭރުވާ ފަދަ މިނިވަންކަމެއް ނެތް ފިނޑި ބޭފުޅަކަށް ވެސް އެބޭފުޅަކު ވެގެންނުވާނެއެވެ. ޤާނޫނާއި ޤަވާޢިދު ތަންފީޒުކުރުމުގައި ވަކިފަރާތެއް ކުއްވެރި ވެދާނެތީ ބިރުގަނެ އަމިއްލަނަފްސަށް އިތުބާރު ނެތް ( ކޮންފިޑެންސް ) ގެއްލިފައިވާ ބޭފުޅަކަށް ވެގެންނުވާނެއެވެ. ޒަމާނީ ތަޢުލީމުގެ ތެރޭގައި ނުހިމެނުނަސް އެންމެކުޑަމިނުން ކަށުކަމާކެމީގެ ކަންތައްތަކާއި، އިމާމުވެ މިސްކިތުގައި ނަމާދުކޮށްލެވޭ ވަރުގެ ދީނީ ތަޢުލީމެއް ހުރި ބޭފުޅަކަށްވެސް އެބޭފުޅަކު ވާންޖެހޭނެއެވެ. ބޮޑެތި ޖަލްސާތަކުގައި ތަޤްރީރުތައް ނުކުރެއްވުނަސް އެންމެކުޑަމިނުން ރައްޔިތުންނާއި މުޚާޠަބުކޮށް ވާހަކަދައްކާލެވޭ ފަދަ ޝަޚުސިއްޔަތަކަށް އެބޭފުޅަކު ވާންޖެހޭނެއެވެ. މާލެނޫނަސް ރާއްޖެތެރޭގެ ރަށްރަށަށްވެސް މިހާރަކަށްއައިސް އެކިއެކި ވަފުދުތައް ( ބިދޭސީބޭފުޅުން ) އެކިއެކި ޤައުމުތަކުން އަންނަމުންދާ އިރު ތަރުޖަމާނަކާއި ނުލައި އެފަދަ ބަޔަކާއި މުއާމަލާތު ކޮށްލެވޭވަރުގެ އިނގިރޭސި ފެންވަރެއް ހުރި ބޭފުޅަކަށް ވެސް އެބޭފުޅަކު ވާންއެބަޖެހެއެވެ. އަދި ހަމައެއާއި އެކު މިހުރިހާޝަރުތު ތަކެއް ހަމަވިޔަސް އެބޭފުޅަކީ ރައްޔިތުންގެ މަޤުބޫލުކަން ކޮންމެވެސް މިންވަރަކަށް ލިބިފައިވާ ބޭފުޅަކަށްވެސް އެބޭފުޅަކު ވާންޖެހޭނެއެވެ.
އާދޭހެވެ. ޤަބޫލުކުރަމެވެ. ޚިޔާލަކީ ތަފާތު އެއްޗެކެވެ. އެކިބޭފުޅުންގެ ވިސްނުމާއި ފިކުރު ތަފާތުވެދާނެއެވެ. އެއީކީ މައްސަލައެއްނޫނެވެ. މިއީ އަޅުގަނޑުގެ ޚިޔާލެވެ. އަޅުގަނޑުގެ ޚިޔާލާއި ތިޔަބޭފުޅާގެ ޚިޔާލު އެއްގޮތް ވާކަށް ކޮންމެހެން ލާޒިމެއްނޫނެވެ.
ރަށުކައުންސިލަރަކަށް ހަމަޖައްސަވާ ބޭފުޅަކުގެ މިޝަރުތުތައް ފުރިހަމަނުވާނަމަ ކުރިމަގުގައި ބޮޑެތިމައްސަލަތަކެއް ކުރިމަތިނުވެ ނުދާނެކަމީ ޝައްކެތްވެސް އޮތްކަމެއްނޫނެވެ. އެހެނަސް ކައުންސިލަރގެ މަޤާމަށް ހަމަޖައްސަވާނެ ބޭފުޅަކު އެނެމެރަގަޅަށް އެނިގިލައްވާނީ އެކަމަށް ސަރުކާރުން ހަމަޖައްސަވާފައި ތިބޭ ބަޔަކަށެވެ. ތަކުރާރުކޮށް އަޅުގަނޑަށް ދެންނެވޭނީ މިއީ އަޅުގަނޑުގެ ވިސްނުން ންހުރިގޮތްކަމުގައެވެ.

0 ޚިޔާލު: