ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Tuesday, 13 January 2009

ލަންދޫގައި ޕްރީސްކޫލްގެ ޚިދުމަތް މިއަހަރު ދޭނީ "ލިޔެސް" އިންކަމަށް ހާމަކޮށްފި



ލަންދޫ ގައި ޕްރީސްކޫލްގެ ޚިދުމަތް މިއަހަރުން ފެށިގެން ދެން ދޭނީ ލަންދޫޔޫތު އެންކަރޭޖިން ސޮސައިޓީން ކަމުގައި އެޖަމްޢިއްޔާގެ ރައީސް އަލްފާޟިލް މުޙައްމަދު އިބްރާހީމް ލަންދޫ އިންފޯއަށް މަޢުލޫމާތު ދެއްވައިފިއެވެ. މިއަދު ހެނދުނު ގެ ވަގުތެއްގައި ލަންދޫއިންފޯއަށް ދެއްވި ބަސްދީގަތުމެއްގައި ލިޔެސް ޖަމްޢިއްޔާގެ ރައީސް ލަންދޫސްކޫލްގެ ޕްރައިމަރީޓީޗަރ އަލްފާޟިލް މުޙައްމަދު އިބްރާހީމް ވިދާޅުވީ ފުރަތަމަ ފަށައިގަންނައިރު ކިޔަވައިދެއްވަން ފައްޓަވާނީ މިދިޔައަހަރު އާމިރީނާސަރީ ކްލާސް ހިންގި ޢިމާރާތުގައި ، ހަމަ އެތާނގެ ތަކެތީގައި، ފަރނީޗަރާއި އެހެނިހެން ތަކެތި ބޭނުންކުރައްވައިގެންނެވެ.

މުޙައްމަދު އިބްރާހީމް އިތުރަށް ވިދާޅުވީ ޖަމްޢިއްޔާގެ ފަރާތުން ނާސަަރީކްލާސް މިއަހަރުން ފެށިގެން ކުރިއަށް އޮތްތާންގައި ހިންގަން މިފައްޓަވަނީ މިނިސްޓްރީގެ ކަމާބެހޭ ބޭފުޅުންނާއިވެސް މަޝްވަރާކުރެއްވުމަށް ފަހު މިޚިދުމަތް ލަންދޫގައި ދޭންމެފަށަނީ އެކަށީގެންވާ ފެންވަރެއްގައި މިޚިދުމަތް ދެއްވޭނެކަމުގެ ވަރަށްބޮޑު އުންމީދު އޮވެގެންކަމުގައެވެ.
ޕްރީސްކޫލްގައި ކިޔަވައިދެއްވާނެ ޓީޗަރުން ހޯދަވާނީ އެކަމަށް ޢިއުލާނުކޮށްގެން ކުރިމަތިލާ ކުދިންގެ ފެންވަރު ވަޒަން ކޮށް ކަމަށް އެކަށީގެންވާ ކުދިންގެ ތެރެއިން ކަމަށްވެސް ލިޔެސްގެ ރައީސް ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް އަމިއްލަ ޢިމާރާތަކަށް ޕްރީސްކޫލް ބަދަލުކުރުމަށް މަސައްކަތް ފައްޓަވާނެ ވާހަކަވެސް ވިދާޅުވިއެވެ.
މިއަދުންފެށިގެން މިމަހުގެ 18 ގެ ނިޔަލަށް ރަޖިސްޓްރޭޝަނުގެ ކަންތައް ނިންމުމަށް ހަމަޖެހިފައިވާ ޕްރީސްކޫލްގެ ޚިދުމަތަށް ބޭނުންވާ ދަރިވަރުން ނަންނޯޓު ކުރުމުގެ ކަންތައް ލިޔެސް ޖަމްޢިއްޔާއިން މިއަދުން ފެށިގެން ކުރިއަށް ގެންދަވާނެކަމަށާއި ، ނަންނޯޓްކުރުމުގައި ވަކިޢުމުރަކަށް ނުބައްލަވާ ކަމަށާއި ބޭނުންވެލައްވަނީ ވީހާވެސް ގިނަކުދިން ކަމުގައި ވޭތުވެދިޔަ އަހަރުވެސް ޖަމްޢިއްޔާގެ ރައީސްކަން ކުރެއްވި އަދި މިއަހަރުގެ ވެސް ރައީސް އަލްފާޟިލް މުޙައްމަދު އިބްރާހީމް ވިދާޅުވިއެވެ.

0 ޚިޔާލު: