ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Friday, 12 December 2008

ބޮޑުތަފާތަކުން އޮކާޗީ ކާމިޔާބުކޮށްފި


ލަންދޫގެ ތާރީޚްގައި މިހާތަނަށްބޭއްވޭ އެންމެ ފޯރިގަދަ މުބާރާތް ކަމުގައިވާ " ލިޔެސް ހޮލިޑޭކަޕް " މިއަދު ފެށިއްޖެއެވެ. ރާއްޖޭގެ ޤައުމީފުޓްބޯޅަޓީމްގެ ކެޕްޓަން އައްސަދު ޢަބުދުލް ޣަނީ ފައްޓަވައިދެއްވި މިމުބާރާތް ފެށިގެންދިޔައީ އައްސަދު ޤައުމީ ދިދަ ނަންގަވައިދެއްވާ ޖަމިއްޔާގެ ނައިބުރައީސް ލިޔެސްޖަމްޢިއްޔާގެ ދިދަ ނަންގަވައިދެއްވާ ހަތަރު ކެޕްޓަނުން ހަތަރުޓީމްގެ ދިދަ ނަންގަވައިދެއްވުމަށްފަހު ޝަރަފްވެރިމެހްމާންގެ ވާހަކަކޮޅަކަށްފަހު މުބާރާތަށް ހެދިފައިވާ ލަވަޔަކަށް ޓީމްތަކުގެ ހުރިހާކުޅުންތެރިން ހުށަހަޅައިދިން ޚާއްޞަޑްރިލް އަކުންނެވެ.

ގާތްގަޑަކަށް މީގެހައެއްކަމަސްދުވަސްކުރިން ތައްޔާރުވަމުންއައި މިމުބާރާތް ހުޅުވައިދިނުމުގެގޮތުން ބައްދަލުކުރީ އެފްސީ އޮކާޗީ އާއި މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި މަޝްހޫރުވެފައިވާ ވެލޯސިޓީއެވެ.
ފީފާ ޖަހާފައިވާ ޓީޝާޓެއް ލައިގެން ހުރި ތަޖްރިބާކާރު ރެފްރީ އަޙްމަދު ދާއޫދުގެ ރެފްރީކަމުގެ ދަށުގައި ކުޅެވުނު މިމެޗްގެ ފުރަތަމަ 15 ވަރަކަށް މިނިޓްގެ ތެރޭގައި އެއްވެސް ޓީމަކަށް މާއެދެވޭ ކުޅުމެއްދެއްކިފައެއްނުވެއެވެ.
ނަމަވެސް 15 ވަރަކަށް މިނިޓްފަހުން އެފްސީ އޮކާޗީން އެޓީމްގެ ކުޅުން ރަގަޅުކޮށް މެޗްގެ ކޮންޓްރޯލް އަތުލިއެވެ. ނަތީޖާއަކަށް ވެގެންދިޔައީ މެޗްގެ 30 ވަނަމިނިޓްގައި މުބާރާތުގެ ފުރަތަމަ ގޯލް ވެލޯސިޓީގެ ގޯލަށް ވައްދާލައިގެން އޮކާޗީގެ މޫސާ ޙުސެއިން ( މިހާސް ) އެފްސީ އޮކާޗީއަށް ކުރިހޯދައިދިނުމެވެ.
މިލަނޑަށް ފަހުވެސް މޮޅަށްކުޅެ ގިނަ ހަމަލާތައް އުފައްދަމުންދިޔަތަން ފެނިގެންދިޔައީ ތަޖްރިބާކާރު ކުޅުންތެރިންތަކެއް ހިމެނޭ އެފްސީ އޮކާޗީއެވެ. ފުރަތަމަހާފް ނިމެގެންދިޔައީ މޫސަގެ މިލަނޑާއި އެކު އޮކާޗީ ކުރީގައި އޮވެގެންނެވެ.
ދެވަނަހާފް ފެށިމާގިނައިރެއްނުވެ އެފްސީ އޮކާޗީގެ ދެވަނަލަނޑު މޫސަގެ ހިލޭޖެހުމަކުން ކާމިޔާބުކޮށްދިނީ ޙުސެން ޖަވާދު ( ޖަވާ ) އެވެ. މިލަނޑާއެކުވެސް މޮޅަށްކުޅެ ގިނަޙަމަލާތަކެއް އުފައްދަމުންދިޔައީ އެފްސީ އޮކާޗީއެވެ. ނަތީޖާއަކަށް ވީ ވެލޯސިޓީގެ ޑިފެންސްލައިނަށް ބާރުބޮޑުވެ އެފްސީ އޮކާޗީގެ ހަލުވިދެފޯވާޑުން ކަމުގައިވާ ޔޫއްޓޭ އާއި ޖަވާގެ ޕާޓްނަރ ޝިޕްގައި ފުލްފުލުގައި ޖަވާ ދެ ލަނޑުޖަހާ އެފްސީ އޮކާޗީގެ ސްކޯ 4 ށް އަރުވާލުމެވެ.
މިމެޗްނިމިގެންދިޔައީ ކުރިންހީކުރިގޮތާއި ޚިލާފަށް 4-0 ލަނޑުން އެފްސީއޮކާޗީ މެޗް ކާމިޔާބުކޮށްގެންނެވެ.
މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ މުބާރާތުގެ ފުރަތަމަ މެޗްގައި މުބާރާތުގެ ފުރަތަމަ ހެޓްރިކް ހެދި އެފްސީ އޮކާޗީގެ ޙުސެއިން ޖަވާދެވެ.
މިމުބާރާތުގައި މާދަމާ ބައްދަލުކުރާނީ ކްލަބު ޗެލެންޖާސް އާއި ޕަސަންޓް ސްޕޯޓްސް ކްލަބެވެ.

0 ޚިޔާލު: