ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Monday, 17 November 2008


އައު ތަޖުރިބާ އާއި ޗުއްޓީ


ލިޔުނީ : މޫސާ ހުސެއިން ( މިހާސް ) / ނ.ލަންދޫ






މިއީ މަދަރުސާ ކުދިންގެ ބޮޑު ޗުއްޓީގެދުވަސް ވަރެވެ. ގާތްގަޑަކަށް 190 ވަރަކަށް ދުވަސް ކިޔެވުމުގައި ހޭދަކުރުމަށް ފަހު ސިކުޑި ހަމަޖައްސާލުމަށް ނުވަތަ ފްރެޝް ވެލުމަށް ކުދިންނަށް ލިބޭ ދުވަސްކޮޅެކެވެ.
މިދުވަސްވަރާއި ދިމާކޮށް ބެލެނިވެރިން ދަނީ އެބައިމީހުންގެ ދަރިންނަށް ތަފާތު ޕްރޮގްރާމްތައް ރާވައިދީ ހިންގައި ދެމުންނެވެ. އަޅުގަނޑުމެންގެ މިކުޑަ ކުޑަ މުޖުތަމަޢުގައިވެސް ޗުއްޓީ ހޭދަކުރުމުގެ ވައްޓަފާޅިއަށްވެސް މިއަދު މިވަނީ ވަރަށް ބޮޑަތި ބަދަލްތަކެއް އައިސްފައެވެ.
ސްކޫލުގެ ކިޔެވުންނިމި ޗުއްޓީ ފެށުމާއި އެކުގައި ކަހަލަ ގޮތަކަށް ރަށުގެ ބީޗުތައް ވަނީ ސްކޫލް ކުދިންނާއި، ބެލެނިވެރިން ތަކުން ފުރިފައެވެ. ރަނގަޅު އަދި އުފާކުރުން ޙައްޤު ތަންކޮޅަކީ ޗުއްޓީ ކަމުގައި ވިޔަސް ބެލެނިވެރިއަކާއި އެކުގައި މެނުވީ ސްކޫލް ކުއްޖަކު ބީޗުން ފެންނަމުން ނުދާކަމެވެ.


ކަމުގެ މާހިރުން ހާމަކުރައްވާ ގޮތުގައި ޗުއްޓީއަކީ ކުދިން މަސްޣޫލް ވެގެން އުޅުނު ކަންތައްތައް ފިޔަވާ އެހެންކަމަކަށް ނުވަތަ ކަންތައްތަކަކަށް އެކުދިންނަށް ފުރުޞަތު ހޯދައިދީ ތަޖުރިބާ ކޮށްލުމަށް ފުރުޞަތު ހޯދައިދިނުމެވެ. ނުވަތަ އެކުދިންގެ މާހައުލު ކުޑަވަގުތު ކޮޅަކަށް ނަމަވެސް ބަދަލްކޮށްލުމެވެ.
މިގޮތުން މިައދު އަޅުގަނޑުމެންގެ މިރަށުގެ ވަރަށްގިނަ ހިސާބު ގަނޑުން ، ވަރަށްގިނަ ގެތަކުން ވަރަށް ތުއްތު ، ތުއްތު ކުދިން ( ގްރޭޑް 1 ، 2 އަދި 3 ގައި ކިޔަވާ ކުދިން ) އެކުދިންގެ ބެލެނިވެރިންނާއި އެކު ފަންގެވިނުމުގެ މަސައްކަތް ކުރަމުންދާ މަންޒަރު ފެނިގެން ދެއެވެ. މީގެ ތެރެއިން ގިނަކުދިންނަކީ އެކުދިންގެ މުޅި ޢުމުރުގައިވެސް ފުރަތަމަ ފަހަރަށް މިކަންތައްތައް ކޮށް ތަޖުރިބާ ކުރާ ކުދިންނެވެ.
އަނެއްކާ މޮޅުކަމަކީ ފަންގެވިނުމަށްފަހު މިހިސާބުން އެކަންތައް ހުއްޓާއި ނުލައި އެކުދިންގެ މަސއްކަތުން އެކުދިން ވިންނަ ފަން ބޭނުންކޮށްގެން " ކުޑަގެ " އަޅައިގެން " ބަތްކައްކާ " ކުޅޭކަމެވެ.މިފަދަ މަންޒަރުތައް ފެނުނީމަ ހިތަށް ހިތްހަމަ ޖެހުމާއި އުފާވެރިކަން އިޙްސާސް ކުރެވެއެވެ. އަދި މިފަދަ ގޮތަކަށް ދަރިންނަށް ޗުއްޓީ ހޭދަކުރުމުގެ ފުރުޞަތު ތަނަވަސްކޮށް ދެއްވާ ބެލެނިވެރިންނަށް ޝުކުރުންހިތް ފުރިގެން ދެއެވެ. ޙަޤީގަތުގައި ޗުއްޓީ ވާންޖެހޭނީ ކުދިންނަށް އައު ތަޖުރިބާ ތަކެއް ކުރުވައިދޭ ދުވަސްތަކަކަށެވެ.

0 ޚިޔާލު: