Sunday, 30 November 2008
ތިރީސްއަހަރުން ފަނާކޮށްލައިފި
ލިޔުނީ : އިބްރާހީމް ފާއިޒް
ދިވެހި ރާއްޖޭގައި ޒަމާނުންސުރެ އޮތް އެކުވެރިކަމާއި ސުލްހަމަސަލަސްކަން ނަގާލީ 30 އަހަރު ވަންދެން މެދުކެނޑުމެއްނެތި ރާއްޖޭގެ ވެރިކަންކުރި ޕާޓީންނޭ ބުނެފިނަމަ މިކަމަށް ކިތައްމީހުން އާބަސް ބުނާނެތޯއެވެ؟
ރާއްޖޭގައި ވައްކަން ކުރުމާއި، މަގުފޭރުމާއި، ތަޅާފޮޅުން މިއަދު މިވަނީ އިންތިހާއަށް ބޮޑުވެފައެވެ. ލަޓިބުރި، ކަޓަރު، ކަނޑި، ކަތުވަޅި ފަދަ ތަކެތި ބޭނުންކޮށްގެން މީހުންނަށްދެވޭ އަނިޔާވެސް މިއަދު މިވަނީ އިންތިހާއަށް ބޮޑުވެފައެވެ. ގްރޫޕް މާރާމާރިތަކުގައި ޝިކާރައަކަށްވެ މަރުވަމުންދާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދިއުމުން މިކަން ކިތޭރީއްޗަކަށްވެސް ޔަޤީންކުރެވެއެވެ.
އެއްބަޔަކު އަނެއްބަޔަކާއި ވެރިކަމާއި ހެދި ކޯޅުމުގެ ސަބަބުންވެސް ކަމާއިނުބެހޭ އެތަކެއް ބައިވަރު ރައްޔިތުންތަކަކަށް މިއަދުމިވަނީ ތަހައްމަލް ނުކުރެވޭފަދަ އެތަކެއް އުނދަގުލަކާއި ކުރިމަތިވެފައެވެ. އިސްވެ ދެންނެވުނު މައްސަލަތަކަކީ މިއަދު އަޅުގަނޑުމެން ވަރަށްބޮޑަށް ހޭއަރައި ފުންކޮށް ވިސްނަންޖެހިފައިވާ ކަންތައްތަކެކެވެ.
މިފަދަ ކަންތައްތައް މެދުވެރިވާން ދިމާވާ ސަބަބުތައްވެސް ވަރަށް ބައިވަރެވެ. މިކަމުގެ އެންމެބޮޑު ސަބަބުކަމަށް އަޅުގަނޑަށް ފާހަގަކުރެވުނީ ކުށްކުރާ މީހުން އިތުރުވުމާއި މަސްތުވާތަކެތީގެ އަވައިގައި ޖެހިފައިވާ މީހުން ވޭތުވެދިޔަ 30 އަހަރު ދުވަހުގެ ތެރޭގައި އިންތިހާއަށް އިތުރުވެގެން ގޮސްފައިވުމެވެ. މަސްތުވާތަކެތީގެ އަވައިގައި ޖެހިފައިތިބޭމިހުންނާއި ކުށްކުރުން އާދައަކަށްވެފައި ތިބޭމީހުން، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ ނިކަމެތި އެތަކެއް ރައްޔިތުންނަކަށް އެތަކެއް އނިޔާއެއް ދަނީކުރަމުންނެވެ. ނިކަމެތި އެތަކެއް ރައްޔިތުންނެއްގެ ދިރިއުޅުންވެސް ވަނި ވިއްސިވިހާލި ކޮށްލާފައެވެ.
ނަމަވެސް ހައްދު ފަހަނައަޅައިފައިވާ އަމއލުތައް ކުރަމުންގެންދާ މީހުނާއިމެދު އެކަށޭނަ ފިޔަވަޅުތަކެއް ވޭތުވެދިޔަ 30 އަހަރު ތެރޭގައި އެޅިފައިނުވާކަން އަޅުގަނޑު ވަރަށް ހިތާމަޔާއިއެކު ފާހަގަކުރަމެވެ. ހައްޔަރުކޮށް ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާއިމެދު ކަންތައް ކުރެވޭ ގޮތަކީ ގެންގޮސް އެއްދޮރުން ވައްދާފައި އަނެއްދޮރުން ނެރެދޫކޮށްލަނީއެވެ. މިހާ ހިސާބުން ދެން އުފެދޭ ސުވާލަކީ، މިހެން ކަންތައް ކުރުމުން އަނެއްކާވެސް ދެވަނަފަހަރަށް ނިކަމެތި އެތަކެއް ރައްޔިތުން ތަކަކަށް އެތައް ގެއްލުމަކާއި ކުރިމަތިލާން ނުޖެހޭނެބާވައެވެ؟ ރައްޔިތުންނަށް ގެއްލުންތައް ކުރިމަތިވަމުންދާއިރު އެކަމުގެ ޒިންމާ އުފުލާނީ ކޮންބައެއްތޯއެވެ؟
މިއަދު އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ މުސީބާތްތަކުން އަޅުގަނޑުމެން ސަލާމަތްވެ ރައްކާތެރިކޮށް ތިބެވޭނެގޮތެއް މިއަދުމިވަނީ ހޯދަންޖެހިފައެވެ. އެގޮތުން ރާއްޖޭގައިވެސް ހިއުމަންރައިޓްސް ކޮމިޝަން އެއް ވަނީ އުފައްދާފައެވެ. ނަމަވެސް މިކޮމިޝަނަށް އެންމެ އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހައްޤުތައް ހޯދައިދޭން މަސައްކަތްތަކެއް ކޮށްދެވޭބާއެވެ؟
އަޅުގަނޑު ބުނެލަން ބޭނުންވަނީ، މިހާރު އުފެދިފައިއޮތް ސަރުކާރުގައި ޒިންމާނަންގަވައިގެން ތިއްބެވި ބޭފުޅުން އަޅުގަނޑުމެންގެ ރައްޔިތުންނަށް ރައްކާތެރިކަން ފޮރުކޮށްދެއްވާށެވެ. ހިއުމަންރައިޓްސް ކޮމިޝަނަށް އެކަންތައްތައް ނުވަންޏާ ކޮންމެވެސް އެހެން ކޮމިޝަނެއް ނުވަތަ ކަމާއި ގުޅޭ މިނިސްޓްރީއެއް އުފައްދަވައިގެންވެސް އަޅުގަނޑުމެންނަށް ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދެއްވާށެވެ
ޝާއިޢުކުރެވުނީ ރިޕޯޓް
Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment