Wednesday, 30 July 2008
ޚަޤީގަތުގައި އަޅުގަނޑުގެ ތަޢުލީމީ ހަޔާތުގެ ބިންގާ އެޅިގެން ގޮސްފައިވަނީ ނ.އަތޮޅު މަދަރުސާގައެވެ. މިފުރުޞަތުގައި ނ.އަތޮޅު މަދަރުސާގައި އަޅުގަނޑަށް ކިޔަވައިދެއްވި އަޅުގަނޑުގެ ލޮބުވެތި އުސްތާޛުންނަށް ނުހަނު އިޙްލާސްތެރިކަމާއި އެކު ޝުކުރާއި މުބާރިކްބާދީ ދަންނަވަމެވެ. އަދި ޙާއްސަކޮށް އަޅުގަނޑަށް މިފުރުޞަތު ހޯދަވައިދެއްވި އަޅުގަނޑުގެ ބޭބެ އަލްއަޙް އަބްދުﷲ ޢާމިރު (ލަންދޫ އާމިރުބެ) ގެ ނަން ޙާއްޞަގޮތެއްގައި ފާހަގަކޮށްލަމެވެ.
އަޅުގަނޑު ނ.އަތޮޅު މަދަރުސާގައި ކިޔަވަން އުޅުނީ ގާތްގަނޑަކަށް މީގެ 12 ނުވަތަ 13 ވަރަކަށް އަހަރުކުރިން ކަމުގައިވާއިރު އޭރާއި މިހާރާއި ރާއްޖޭގެ ތަޢުލީމީ ހާލަތު އުޑާއި، ބިމާހާއި ތަފާތޭވެސް ދެންނެވިދާނެއެވެ.
އަޅުގަނޑުމެން ނ. އަތޮޅު މަދަރުސާގައި ކިޔެވި ދުވަސްވަރު ނ.އަތޮޅުގެ ފުޓްބޯޅައިގެ ރަސްގެފާނަކީ ނ.އަތޮޅު މަދަރުސާއެވެ. އެޑިޔުކޭޝަނުންދޭ ޓެސްޓެއް ދީފިނަމަ އެންމެރަނގަޅު ނަތީޖާއެއް ހާސިލްކުރާ ސްކޫލަކީ ނ.އަތޮޅު މަދަރުސާއެވެ. އަދި ދަންނަވަންތޯ! "ނާޒިރު ތުއްތު" އޭ ބުނެފިނަމަ ޖެހިލުންނުވާ އެއްވެސް ދަރިވަރެއް އޭރު ސްކޫލަކު ނޫޅޭނެއެވެ. ސަބަބަކީ އޭރުގެ ކުދިންގެ ކިބައިގައިހުރި އަޙްލާޤާއި ސްލޫކީ މިންގަނޑުގެ ހަރުދަނާކަމެވެ. ފުރިހަމަކަމެވެ. އޭރުގެ ދަރިވަރުންނަށް އެދަރިވަރުންގެ އިސްވެރިންނަށް ކިޔަމަންވުމަށާއި އިޙްތިރާމް އަދާ ކުރުމަށް ދަސްކޮށްދެވިފައިވާލެއް ފުރިހަމަކަމެވެ. މަތިވެރިކަމެވެ.
ފުރަތަމަ ސްކައުޓް ޖަމްބަރީގައި ނ.އަތޮޅު މަދަރުސާއިން ބައިވެރިވި " ވޮގް " ސްކައުޓް ގްރޫޕް
އަޅުގަނޑު ޤަބޫލުކުރާގޮތުގައި މިއަތޮޅުގައި އޮތް އެންމެ ރަނގަޅު ތަޢުލީމީ މުޢައްސަސާއަކަށް ވާންޖެހޭނީ މިއަތޮޅުގެ ވެރިކަންކުރާ ރަށްކަމުގައިވާ މަނަދޫގައި ހުރި ނ.އަތޮޅު މަދަރުސާއެވެ. ސަބަބަކީ ސަރުކާރުގެ ގިނަ މުއައްސަސާތަކެއް އެފަސްގަނޑެއްގައި ހުރުމާއި ސަރުކާރުގެ އެހީތައް އެންމެ ބޮޑަށް ލިބެމުންދާ ރަށަކަށް މަނަދޫ ވެފައިވުމެވެ. ނަމަވެސް ވަރަށް ހިތާމައާއި އެކު އަޅުގަނޑަށް ދަންނަވަން ޖެހެނީ އަޅުގަނޑު އެސްކޫލުން ޒަމާނީ ތަޢުލީމީ ހަޔާތް ފެއްޓި ނ.އަތޮޅު މަދަރުސާއަށް މިއަދުމިވަނީ ވަރަށްބޮޑު ގޮންޖެހުން ތަކަކާއި ކުރިމަިލާން ޖެހިފައެފެ .
މިގޮތުން ނ.އަތޮޅު މަދަރުސާ ހުރިގޮތައް ހުއްޓައި މިތަނަށްވުރެން މިއަތޮޅުގެ އެހެން ރަށްތަކުގެ ސްކޫލްތައް ތަޢުލީމީގޮތުން ކުރިއަރައިގެން ދާދިއުން މިއީ ހަމަގައިމުވެސް ވިސްނާލަން ވެއްޖެކަމެކެވެ.
ކޮންމެ ތަނެއްވެސް ކާމިޔާބުކަމާއި އެކު ކުރިއަރާދާނީ އެތަނެއްގައި އުޅޭ އެންމެންގެ އެއްބާރުލުމާއި، އެހީތެރިކަން ލިބިގެންނެވެ. އަޅުގަނޑު ނ.އަތޮޅު މަދަރުސާގައި ކިޔެވި ދުވަސްވަރާއި މިހާރާއި އަޅުގަނޑަށް ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ ކަމެއްގެ ވާހަކަ މިފުރުޞަތުގައި ފާހަގަކޮށްލެވޭތޯ ބަލާނަމެވެ.
އަޅުގަނޑުމެން ކިޔެވި ދުވަސްވަރު ދުފުން، ދުންފަތުގެ އިސްތިއުމާލުކުރުން، ރޭގަނޑު 9:00ގެ ފަހުން ބޭރުގައި އުޅުން، ސްކޫލުގައި ކިޔެވުން އޮންނަ ދުވަސްދުވަހު މޫދަށް އެރުން މިއީ އެއްވެސް ގޮތަކަށް ފެންނަ މަންޒަރުތަކެއް ނޫނެވެ. ނަމަވެސް މިއަދު އެންމެ ދުވަހަކަށް މަނަދުއަށް ދެވުނުކަމުގައި ވިޔަސް އަޅުގަނޑަށް ފެނިގެންދަނީ ހިތާމައިން ފުރިގެންދާ މަންޒަރުތަކެވެ. ސައިހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަނުގައި ސްކޫލުގެ ދަރިވަރުންކަން ޔަގީންވާ ކުޑަކުދިން ރޯމާ މެންދުރު ފާޅުގައި ދުފާ، ދުންފަތުގެ އިސްތިއުމާލުކުރަމުންދާ މަންޒަރެވެ. ހިތާމައަކީ މިކުދިން މިފަދަ އަމަލްތައް ޢާއްމުންގެ ކުރިމަތީގައި ފާޅުގައި ކުރަމުންދާއިރުވެސް މިކަން ހުއްޓުވުމަށް އެއްވެސް ފަރާތަކުން މަސައްކަތް ނުކުރާކަމެވެ.
މިއަދު ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރަމުންދާ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު، ދަންނަވަން އޮތްހާވެސް އެއްޗަކީ ކުދިންނަށް ފުރިހަމަ ތަޢުލީމަކާއި، ތަރުބިއްޔަތެއް ދިނުމީ ހަމައެކަނި ސްކޫލަކުން ކުރެވޭނެ ކަމެއް ނޫނެވެ. ދަރިވަރުންތަކަކަށް ހަރުދަނާ ތަރުބިއްޔަތަކާއި ފުރިހަމަ ތަޢުލީމެއް ދެވޭނީ އެމުޖުތަމަޢުއެއްގައި ދިރިއުޅޭ އެންމެންގެ ފުރިހަމަ އެއްބާރުލުމާއި ސަޕޯރޓް ލިބިގެންކަމުގައެވެ.އަޅުގަނޑުގެ ތަޢުލީމީ ހަޔާތް ފެއްޓި ނ.އަތޮޅު މަދަރުސާއަށް 30 އަހަރު ފުރުން ފާހަގަކުރަން ތައްޔާރުވަމުން ދާއިރު އަޙްލާޤީގޮތުންނާއި، ތަޢުލީމީ ގޮތުން ހަރުދަނާ، ރަނގަޅު ސްކޫލަކަށް މިސްކޫލް ހެދުމަށްޓަކައި މިރަށުގައި ހުރި ސަރުކާރުގެ ހުރިހާ މުއައްސަސާތަކެއްގެ ބޭފުޅުންނާއި ރަށުގެ ކަމުވޮށިގެންވާ އެންމެހާ ފަރާތްތަކާއި ސްކޫލުގެ އެންމެހާ ސްޓާފުން އެއްމޭޒެއްގެ ދޮށަށް އައިސް މިކަމާއިމެދު ވިސްނައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މިފުރުޞަތުގައި އެފަރާތްތަކަށް އަޅުގަނޑު ގޮވާލަމެވެ. ހަމަ މިއާއި އެކު ސްކޫލުގެ ބެލެނިވެރިންނަކީ ހަޤީގީ މާނައިގައި އަމަލީ ގޮތުން ކުދިންގެ އަޙްލާޤާއި ސްކޫލް ރަނގަޅުކޮށް ކުދިންގެ ތަޢުލީމީ ފެންވަރު މަތިކުރުމަށް މަސައްކަތް ކުރާ ބަޔަކަށްވުމަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ.
1 ޚިޔާލު:
hello moosa can u take picture of maa bodhuge . dhen u can write article abt it. i hope i see kulhah also in this blog
Post a Comment