ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Sunday, 9 November 2008

ލަންދޫސްކޫލްގެ ގްރޭޑް 10 ގެ ދަރިވަރުންގެ ވަދާޢީ ޕާޓީ ރޭ ބާއްވައިފި
ޚަބަރު: އަޙްމަދު ދާއޫދު

ލަންދޫސްކޫލްގައި މިއަހަރު ގްރޭޑް 10ގައި ތަޢުލީމު ޙާސިލް ކުރަމުން ގެންދާ ދަރިވަރުން އެކުދިން ލަންދޫސްކޫލާއި އަލްވަދާއު ކިޔުން ފާހަގަކުރުމުގެ ގޮތުން ފެއަރވެލް ޕާޓީއެއް ރޭ އެސްކޫލްގައި ބާއްވައިފިއެވެ.
ގްރޭޑް 10 ގެ ހުރިހާދަރިވަރުންނާއި، އެކުދިންގެ ބެލެނިވެރިންގެ އިތުރުން، ސްކޫލްގެ ހުރިހާސްޓާފުންނާއި ސްކޫލް ބޯޑުގެ ހުރިހާ ބޭފުޅުންނާއި ޕީޓީއޭ ގެ އެގްޒެކެޓިވް ކޮމިޓީގެ ހުރިހާ ބޭފުޅުންނާއި ، ރަށުގެ ބައެއް ޢިއްޒަތްތެރިންނަށް ދަޢުވަތު ދެވިގެން ބޭއްވުނު މިޕާޓީގައި ނިމިގެންމިދާ ދިރާސީއަހަރު ލަންދޫސްކޫލުން ކިޔަވައިދިނުމާއި ، ޚިދުމަތުގެ ރޮގުން ފާހަގަ ކުރެވުނު ޓީޗަރުންނަށް ހަނދާނީ ލިޔުން ދެއްވުން ވެސް އޮތެވެ.

މެންދުރުފަހު ދަންފަޅީގައި ކިޔަވައިދެއްވާ ބޭފުޅުންގެ ތެރެއިން ބެސްޓް އޯލްރައުންޑް ޓީޗަރގެ މަޤާމް ޙާޞިލް ކުރެއްވީ ޕްރައިމަރީޓީޗަރ އަލްފާޟިލާ ސަމުސުންނިޝާ އަބޫބަކުރެވެ. ޓީޗިންއެއިޑްސް އެންމެރަގަޅަށް ބޭނުންކުރައްވައިގެން ކިޔަވައިދެއްވި ޓީޗަރެއްގެ މަޤާމު ހޯއްދެވީވެސް އޭނާއެވެ. މިއަހަރު ކޯކަރިކިޔުލަރަ ޙަރަކާތްތަކުގައި ސްކޫލަށް އެންމެބޮޑު އެއްބާރުލެއްވުމެއް ދެއްވި ޓީޗަރެއްގެ މަޤާމާއި އެންމެރަގަޅަށް ކިޔަވައިދެއްވި ޓީޗަރެއްގެ މަޤާމް ހޯއްދެވީ ޕްރައިމަރީޓީޗަރ އަލްފާޟިލް ޔޫސުފު ޢަބުއްރަހީމެވެ.
ހެނދުނު ދަންފަޅީގެ ޓީޗަރުންގެ ތެރެއިން ބެސްޓް އޯލް ރައުންޑް ޓީޗަރ ގެ މަޤާމް ހޯއްދެވީ ޕްރައިމަރީޓީޗަރ އަލްފާޟިލާ މަރިޔަމް ޔޫސެފެވެ. ކިޔަވައިދިނުން އެންމެރަގަޅުޓީޗަރެއްގެ މަޤާމް ހޯއްދެވީ މޒ.ސައީދު ނާޒް އިންޑިޔާ އެވެ.
ޕާޓީ ފެއްޓެވުމުގެ ގޮތުން ސްޕަވައިޒަރ އަލްފާޟިލް މޫސާ ޙުސެއިން ވާހަކަދެއްކެވި މިކުލަގަދަ ޕާޓީގައި އެބޭފުޅާގެ އިތުރުން ސްކޫލް މިވަގުތު ހިންގުމާއި ޙަވާލުވެހުންނެވި ހެޑްމާސްޓަރ މރ. ބާލަ ގޯޕާލަމްވެސް ވާހަކަދެއްކެވިއެވެ. އަދި މީގެ އިތުރުން ސްކޫލްގެ އ.ހެޑްމާސްޓަރ އަލްފާޟިލް އަލްފާޟިލް ޢަބުދުﷲ ޢާމިރުވެސް މިޕާޓީގައި އެންމެހައިހާޟިރީންނާއި މުޚާޠަބުކޮށް ޝުކުރުދެންނެވުމުގެ ގޮތުންވާހަކަދެއްކެވިއެވެ. އޭނައިގެ ވާހަކަ ތިންބަޔަކަށް ބައްސަވާލައްވާ ހިންދީބަހުންނާއި ، މަލަޔާޅަމްބަހުންނާއި، އިނގިރޭސިބަހުންނާއި ،އަދި ދިވެހިބަހުން މިޕާޓީގައި މުޚާޠަބުކުރެއްވިއެވެ.
ލަންދޫސްކޫލްގެ ގްރޭޑް 10 ގެ ހުރިހާ ބެލެނިވެރިންނާއ، ދަރިވަރުންނާއި ، ޕީޓީއޭގެ ހުރިހާ ބޭފުޅުން ނާއި އަދި ބައެއްސްޓާފުން މިޕާޓީތައްޔާރުކުރުމުގައި ޢަމަލީގޮތުން ބައިވެރިވެލައްވާފައިވެއެވެ.
މިިޕާޓީނިމިގެންދިޔައީ ގްރޭޑް 9 ގެދަރިވަރުންގެ ފަރާތުން ސްޓޭޖްގައި ހުށަހަޅައިދިން ނެށުމުގެ ދެ އައިޓަމަކުންނެވެ.

0 ޚިޔާލު: